ރިޔާސީ އިންތިޚާބު ފެށެން އެންމެ ދުވަހަކަށްވެފައިވަނިކޮށް، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގައި އެންމެބޮޑަށް ގެއްލުންވި އެއް ރަށް ކަމަށްވާ ށ. މަރޮއްޓަށް ސުނާމީ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ ބަހައިފިއެވެ.
މިނިވަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިޚާބު ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަރޮށީ އޮފީހުން އެރަށުގެ 40 ގެއަށް، ގެއަކަށް 128500 ރުފިޔާ ބަހާފައިވެއެވެ.
މަރޮށީ އޮފީހުން ނަންހާމަ ނުކުރުމަށް އެދި މަޢުލޫމާތުދެއްވި ބޭފުޅަކު މިނޫހަށް ކަށަވަރުކޮށްދެއްވި ގޮތުގައި އިންތިޚާބު ފެށެން އެންމެ ދުވަހަކަށްވެފައި ވަނިކޮށް ފައިސާ ބަހަންޖެހުނީ ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް ސެންޓަރުން އެފައިސާ ހަވާލު ކޮށްފައިވަނީ އިންތިޚާބާ ކައިރިކޮށް ކަމަށްވާތީއެވެ.
ރަސްމީ ލިޔެކިޔުންތަކުން 23 ގެއަކަށް ފައިސާ ހަވާލުކުރި ކަމުގައި ފެންނަން އޮތްނަމަވެސް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެކަނިވެސް ގާތްގަނޑަކަށް 40 ގެއަކަށް ފައިސާ ބަހާފައިވާ ކަމުގައި އެރަށުގެ މަސްދަރަކުން ހާމަކޮށްފައިވެއެވެ. އެހެންކަމުން އެދުވަހު އެކަނިވެސް އެރަށަށް 40 މިލިއަން ރުފިޔާ ބަހާފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެރަށުން މަޢުލޫމާތުދެއެވެ.
“މިދިޔަ ޖެނުއަރީމަހު އެފައިސާ ހަމަޖެހިފައިވާ ކަމުގައި އަޅުގަނޑުމެންނަށް ލިޔުމަކުންވަނީ އަންގަވާފަ.” އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ .”ދެން ކުއްލިއަކަށް އިންތިޚާބަށް 1 ދުވަހަށްވީމާ ކީއްވެތޯ ފައިސާ ބަލާ އޮފީހަށް އަންނަން އަންގަންވީ؟ އެފައިސާ އެއީ އަޅުގަނޑުމެންނަށް ލިބެންޖެހޭ އެއްޗެއް. އެކަމަކު ފައިސާ އެދުވަހާ ދިމާކޮށް ދިނުން މައްސަލަޔަކީ.”
މިހާރު އެމްޑީޕީ އިއްތިޙާދުގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) އަށް ތާޢީދު ކުރައްވާ ޤާސިމް އިބުރާހިމަށް ކެމްޕެއިން ކޮށްދިނުމުގައި ޙަރަކާތްތެރިވި މަރޮށީ މީހެއްގެ ޢާއިލާއަށްވެސް ރިޔާސީ އިންތިޚާބުފެށެން އެއްދުވަހަށް ވެފައި ވަނިކޮށް ސުނާމީ އެހީގެ ގޮތުގައި ފައިސާ ލިބިފައިވާ ކަމުގައި އެފަރާތުން ހާމަކޮށްފައިވެއެވެ.
“ކީއްވެ ހަމަ އެދުވަހާ ދިމާކޮށް އެމީހުން އެފައިސާ ބަހަންވީ؟ ގިނަ މީހުން ހީކުރަނީ އެއީ ސީދާ މައުމޫނު ދޭއެއްޗެއް ކަމަށް. މިއީ ހަމަ ސީދާ ވޯޓަށް ނުފޫޒު ފޯރުވަން ކޮށްގެން އުޅޭ ކަމެއް.” އެމީހާ ކިޔައިދިނެވެ. “އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގިނަމީހުން ހީކުރަނީ އެފައިސާ އަކީ ސީދާ މައުމޫނު ދޭއެއްޗެއް ކަމަށް. އަޅުގަނޑުމެން ހީކުރީ މިރަށުން މައުމޫނަށް ލިބޭނީ ދެތިން ވޯޓުކަމަށް. ސުނާމީ ފައިސާ އެދުވަހާ ދިމާކޮށް ބެހުމުން ނަތިޖާ ތަފާތުވެފަ އެއޮތީ.”
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިޚާބުގެ މަރޮށީގެ ނަތީޖާ ދައްކާ ގޮތުން 98 ވޯޓު ލިބިލައްވައިގެން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙިމް އެންމެ ކުރީގައި އުޅުއްވާއިރު 64 ވޯޓު ލިބިވަޑައިގެން ދެވަނަ ހޯއްދަވާފައިވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ޑރ.ޙަސަން ސަޢީދެވެ. 40 ވޯޓާއެކު 3 ވަނަ ލިބިލެއްވީ ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން ޢަބްދުލް ޤައްޔޫމް އަށެވެ.
No comments:
Post a Comment